ޑައުން ސިންޑްރޯމް
ޑައުން ސިންޑްރޯމް
މި ލިޔުމުގައި އަލިއަޅުވާލާނީ އުފެދުމުގައި ދިމާވާ ތަފާތު ކަމަކުން މެދުވެރިވާ ނުކުޅެދުންތެރިކަމެއް ކަމަށްވާ ޑައުން ސިންޑްރޯމް އަށެވެ. ޑައުން ސިންޑްރޯމް އަކީ އުފެދުމުގައި ދިމާވާ އުނިކަމެކެވެ.
އިންސާނުންގެ ހަށިގަނޑު އުފެދިފައިވަނީ އެތައް މިލިޔަން ކުދި ކުދި ސެލްތަކަކުންނެވެ. އާންމުގޮތެއްގައި މިއިން ކޮންމެ ސެލް އެއްގައި 23 ކްރޮމޮސޯމްސްގެ ދެ ޖޯޑު ހިމެނި މުޅިއެކު 46 ކްރޮމޮސޯމްސް އަށް ވެއެވެ. ޑައުން ސިންޑްރަމް މެދުވެރިވަނީ މި 46 ކްރޮމޮސޯމްސް ގެ ތެރެއިން 21 ވަނަ ޖޯޑު ގައި 2 ކްރޮމޮސޯމްސް ގެ ބަދަލުގައި 3 ކްރޮމޮސޯމްސް އަށް ބަދަލު ވުމުންނެވެ. މީގެ ސަބަބުން ޑައުންސިންޑްރޯމް ހުންނަ ކުދިންގެ ސެލްތަކުގައި 47 ކްރޮމޮސޯމްސް ހިމެނެއެވެ. މިގޮތަށް މި އިތުރުވާ ކްރޮމޮސޯމްސް އިތުރު ވަނީ ކޮން ސަބަބަކާހުރެކަމެއް މިހާތަނަށް ހޯދިފައެއްނުވެއެވެ. އެހެން ނަމަވެސް މި އިތުރުވާ ކްރޮމޮސޯމްސް ނުވަތަ ޖެނިޓިކް މި މާއްދާގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށާއި، ޖިސްމާނީ ތަރައްގީ އަދި ވިސްނުން ތަރައްގީ ވަމުން އަންނަ ގޮތަށް ބޮޑެތި ބަދަލު ތަކެއް އަންނަކަމީ ފެންނަން އޮތް ހަގީގަތެކެވެ.
ޑައުން ސިންޑްރޯމް ހުންނަ ހުރިހާ އެންމެންގެ ސިފަ މުޅިން އެއްގޮތް ނުވި ނަމަވެސް ގިނަމީހުންގެ އެއްގޮތް ސިފަތަކެއް ހުރެއެވެ. ތިރީގައި މިވަނީ އާންމުގޮތެއްގައި ފާހަގަ ކުރެވޭ މިފަދަ ސިފަތަކެވެ.
· މޫނާއި ބޮލުގެ ހުންނަ ތަފާތު ކަން ( މިސާލަކަށް، ބޯ ކުޑަ ވުން، މޫނު އަދި ނޭފަތް ފަތާ ވެފައި ހުރުން، ކަންފަތް ކުޑަވުން ނުވަތަ ކަންފަތުގެ ބައްޓަން ތަފާތު ވުން)
· ކަރު ކުރު ވުން
· އަނގަ ހުޅުވިފައި ހުރުން އަދި ދޫ ބޭރުވެފައި ހުރުން
· ލޮލުގެ ބޮޑި ފުއްޕާފައި ހުރުން އަދި ލޮލުގެ ކަޅީގައި ކުދި ހުދު ތިކިތަކެއް ހުރުން
· އެއް އުމުރުގެ ކުދިންނަށް ވުރެ އިސްކޮޅުން ކުރުވުން
· އިނގިލި އަދި އަތާ ފައި ކުރުވުން
· ގައިގެ މަސްތަކުގައި ވަރު ނުހުރުން
· އާދަޔާޚިލާފަށް ކަށި މަޑުވުމުގެ ސަބަބުން 'ފްލެކްސިބަލް' ވުން
· ފައިގެ ބޮޑު އިނގިއްޔާއި ޝަހާދަތް އިނގިލި ދެމެދުގައި ވާ ދުރުމިން ބޮޑުވުން
މިކަހަލަ އެކި ތަފާތުތަކެއް މިކުދިންގެ ހުރިކަމުގައިވީނަމަވެސް ޑައުންސިންޑްރޯމް އަކީ ބައްޔެއް ނޫނެވެ.އަދި ޑައުން ސިންޑްރޯމް ހުންނަ ހުރިހާ ކުދިން އެއްގޮތެއް ނުވާނެއެވެ. އެގޮތުން އެކި ކުދިންނަށް މީގެ އަސަރު ކުރަނީ އެކި މިންވަރަށެވެ. ބައެއް ކުދިންނަށް ވަރަށް ބޮޑެތި މައްސަލަތައް ދިމާވާއިރު އަނެއްބައި ކުދިންނަށް މި މައްސަލަތައް ދިމާވަނީ ވަރަށް ކުޑަކޮށެވެ. ބައެއް ކުދިން ވަރަށް ސިއްޙަތު ރަނގަޅު ކޮށް ތިބޭއިރު އަނެއްބައި ކުދިންގެ ވަރަށް ސީރިއަސް ހިތުގެ މައްސަލަތައްވެސް ހުރެއެވެ. އެކި ކުދިންގެ އުނގެނުމާއި ވާހަކަ ދެއްކުންވެސް ތަފާތުވާނެއެވެ.އެހެން ނަމަވެސް މިކުދިންނަކީ އެހެންމިީހުންގެ އެހީތެރިކަމާއި އަޅާލުމާއި އެކު އެހެން ކުދިންނެކޭ އެއްގޮތަށް އުނގެނުމާއި ކުޅިވަރުގެ ހަރަކާތްތަކުގައިވެސް ކާމިޔާބު ހޯދޭނެ ކުދިންނެވެ.
ޑައުންސިންޑްރޯމް ހުންނަކުދިން އަޅުގަނޑުމެންގެ މުޖުތަމަޢުއިން ވެސް ފެންނަމުންދާއިރު މިކަމަކީ އަޅުގަނޑުމެން އެންމެންވެސް ހޭލުންތެރިކަން އިތުރުކުރަންވީކަމެކެވެ. މިފަދަ ކުދިންނަކީވެސް މުޖުތަމަޢުގެ މުހިންމު ބައެއްކަމަށްދެކިގެން މިކުދިންވެސް މުޖުތަމަޢުގެ ހުރިހާކަމެއްގައި ފުރިހަމައަށް ޝަމިލުކޮށްގެން ކުރިއަށްދާންއެބަޖެހެއެވެ. ހުރިހާ އެންމެންވެސް ވީވަރަކުން މިކުދިންނަށްވެސް އެހީތެރިކަންފޯރުކޮށްދޭން އެބަޖެހެއެވެ. މިފަދަ ކުދިން ސުކޫލް މާހައުލުގައިވެސް އަދި މުޖުތަމަޢުގައިވެސް ވަކިން ގެންގުޅުމުގެ ބަދަލުގައި އެހެން ކުދިންނާއި އެއްކުލާހެއްގައި ކިޔެވުމުގެ ފުރުސަތު ހޯދައިދީ ވަޒީފާ އަދާކުރެވޭނެ މަގު ފަހިކޮށް ދިނުމަކީ މުހިންމު ކަމެކެވެ. މިފަދަ ހުރިހާ ކުދިންގެ ކުރިއެރުމަށްވެސް ބޭނުންވަނީ ހޭލުންތެރި އަޅާލާ މުޖްތަމަޢު އަކާއި ލޯތްބާއި އެހީތެރިކަން ފޯރުކޮށް ދޭނެ އާއިލާ އެކެވެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިން ޝާމިލުވާ މުޖްތަމަޢު އެއް ބިނާ ކުރުމަކީ އެންމެންގެ ޒިއްމާ އެކެވެ. އަޅުގަނޑުގެވެސް މެ އެވެ. ތިބާގެވެސް މެއެވެ.

Comments
Post a Comment